އެންމެފަހުން އަޕްޑޭޓްކުރީ: ސެޕްޓެންބަރ 29, 2011
messageme

މިއަދު މިފެންނަނީ ޤާނޫނާއި އެއްގޮތަށް ވެރިކަން ކުރެއްވުމުގެ ބަދަލުގައި ކުރަންބޭނުންވާ ކަންތައްތަކަށް ފަހިވާގޮތަށް ޤާނޫނު ފުރޮޅާލާމަންޒަރު

މިއަހަރުގެ ޖުލައި މަހުގައި ކުރީގެ ރައީސް މައުމޫނުގެ ގެކޮޅު ކަމުގައިވާ މއ.ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން މާލޭގެ ސިޓީ ކައުންސިލުން ނިންމިއެވެ. ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް ކަމެއް އެތަނުގައި ކުރުމުގު ނަމުގައެވެ. ކުރާނީ ކޮންކަމެއް ކަމެއް ނުބުނެއެވެ. އަދި ކުރާނެ ކަމެއް އެއިރު އެބޭފުޅުންނަށް އެނގިވަޑައިގެން ހެންވެސް ހިޔެއްނުވެއެވެ.

ރޭގައި އައްޑުއަތޮޅުން ބޭފުޅަކު އަޅުގަނޑަށް ގުޅުއްވިއެވެ. ވިދާޅުވީ ސާކްސަމިޓު ބާއްވަން އަޅާ ދަރުބާރުގެއާއި ކާރީގައި ހުރި މީހެއްގެ ޢިމާރާތެއް ސިޓީކައުންސިލުން ތަޅާލިވާހަކައެވެ. ސަމިޓުގެ ބޭނުމަށެވެ. ޝަރުޢީ ކޯޓުގެ ނިންމުން ލަސްވާތީ ކޯޓުގެ ޙުކުމެއް ނެތިއެވެ.

މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ. މިއަދު އެއީ މީހެއްގެ ގޯއްޗާއި ޢިމާރާތެވެ. މާދަމާ ރިސޯޓާއި އެހެންނިހެން ތަންތަނެވެ.

މުދަލުގެ ރައްކާތެރިކަމަކީ ޤާނޫނީ ގޮތުންނާއި ދުސްތޫރީ ގޮތުންނާއި އަދި ޝަރުޢީ ގޮތުން އެންމެ ބޮޑަށް ޙިމާޔަތްކުރެވިގެންވާ އެއް ޙައްޤެވެ. މުދަލުގެ ދިފާޢުގައި މަރުވެގެންދާ މީހާއަށް ޝަހީދުންގެ ދަރަޖަ ލިބިދެވެއެވެ.

ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ގެދޮރަކީ ޙިމާޔަތްކުރެވިގެންވާ ތަންތަނެވެ. މި ޙައްޤަށް ހަމަ ކޮންމެ މީހަކުމެވެސް ޢަމަލުކުރުން ލާޒިމުވެގެންވެއެވެ.

ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ ޢާންމު މަންފާއަކަށްޓަކައި އެކަންޏެވެ. އެގޮތުންވެސް މީހެއްގެ މުދަލެއް ނެގޭނީ ޝަރުޢީ ކޯޓުން ކުރާ ޙުކުމަކުންނެވެ. އަދި ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލު އެފަރާތަކަށް ދިނުމަށް ފަހުގައެވެ. މި މަރްޙަލާތައް ކަޑައްތު ނުކޮށް މީހެއްގެ މުދަލެއް ނިގުޅައިގަތުން ނުވަތަ ގެއްލުންދިނުން އެއީ ޖިނާއީ ކުށެކެވެ. ބަލާ ތަޙްޤީޤުކޮށް ދަޢުވާކުރެވޭނޭ ކަމެކެވެ. އަދި ގެއްލުން ލިބުނު ފަރާތަށް ބަދަލުވެސް ލިބިދެވޭނެއެވެ.

މީހެއްގެ މުދަލެއް ދައުލަތަށް ނަގަން ބޭނުންނަމަ ދައުލަތުން ޖެހޭނީ އެ މައްސަލައެއް ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅާށެވެ. އެ މުދަލެއް ދައުލަތަށް ނަގަނީ ޢާންމު މަންފާއަކަށް ކަން ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ މއ.ކިނބިގަސްދޮށުގޭގައި ޕާކިންގ ޒޯނެއް ނުވަތަ ސާކްސަމިޓް ބޭއްވުމަށް ސ.ހިތަދޫގައި ދަރުބާރުގެއެއް އަޅެމަކީ ޢާންމުންގެ މަންފާ އެކަމުގައި އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެގޮތަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެމުދާ ދައުލަތަށް ނެގުމަކަށް ކޯޓަކުން ހުއްދަނުދެވޭނެއެވެ.

ދައުލަތުން މީހެއްގެ މުދާ ނަގަނީ ޢާންމުންގެ މަންފާއަކަށްކަން ޝަރުޢީ ކޯޓުގައި ސާބިތުކޮށް ދިނުމުން އެކަނި ނުފުދެއެވެ. އިތުރު މަރްޙަލާއަކަށް ދާންޖެހެއެވެ. އެއީ ޢާންމުންގެ މަންފާއަކަށްޓަކާވެސް ކޮންމެހެން އެ މުދަލެއް ނަގަންޖެހޭތޯއެވެ؟ އެ މުދާ ކޮންމެހެން ނަގަންޖެހޭކަމަށް ޝަރުޢީ ކޯޓުގައި ދައުލަތުން ސާބިތުކޮށް ނުދެވިއްޖެނަމަ އެ މުދަލެއް ނަގާކަށެއް ކޯޓަކުން ހުއްދައެއް ނުދެވޭނެއެވެ.

އަދި ހަމަ އެހެންމެ އެ މުދަލެއް މުޅިން ދައުލަތަށް ނަގަންޖެހޭކަންވެސް ދައުލަތުން ޝަރުޢީ ކޯޓުގައި ސާބިތުކޮށްދޭންޖެހޭނެއެވެ. އެހެން ނޫންނަމަ ކޯޓުން ނަގާދޭންވާނީ ޢާންމުންގެ މަންފާއަށްޓަކައި ބޭނުންވާނޭ މިންވަރަށް އެކަންޏެވެ.

މަތީގައި ބަޔާންވެފައި އެވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭގޮތެވެ.

އެގޮތް ފިޔަވާ ކިތަންމެ އަވަސްވެގެން ނަމަވެސް އަދި ޝަރުޢީ ކޯޓުން މައްސަލަ ނިމުން ލަސްވިކަމުގައި ވިއަސް ނުވަތަ ޝަރީޢަތަކުން ކަނޑައަޅާފާނެ ކޮންމެ ބަދަލެއް ދިނުމުގެ މާލީ ޤާބިލުކަން  ދައުލަތަށް ލިބިގެންވިއަސް މަތީގައި ބަޔާންކުރެވުނު އުޞޫލާއި ޚިލާފަށް މީހެއްގެ މުދަލަކަށް އަރައިގަތުމަކީ ނުވަތަ ނެގުމަކީ ނުވަތަ ހަލާކުރުމަކީ ޖިނާއީ ބޮޑުކުށެވެ. ބަލާ ތަޙްޤީޤުކޮށް ދަޢުވާކޮށް އަދަބު ކަނޑައެޅޭނެ ކުށެކެވެ.

އަޅުގަނޑު ބަންޑާރަ ނާއިބުގެ ވަޒީފާ އަދާކުރިއިރު ވަޒީރުންގެ މަޖިލީހުގައިވެސް އަދި އެކިއެކި ކޮމިޓީތަކުގައިވެސް ކަންކަން ނިންމުމުގެ ކުރިން އެކަމުގައި ޤާނޫނީގޮތުން އޮންނަގޮތް ބެލުމަށް ރައީސް މައުމޫން އަބަދުވެސް ދަންނަވައެވެ. އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުންވެސް އެ އުޞޫލު ގެންގުޅުއްވިއެވެ. ސިންގަޕޫރު ފަދަ ޤައުމުތަކާއި ޚިލާފަށް ބަންޑަރަނާއިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ޚާއްޞަމަޖިލީހުގައާއި އަދި އެނޫންވެސް ތަންތާގައި ވަކާލާތުކުރީ ސަރުކާރުން ޤާނޫނީ އިމުން ބޭރުން ކަންކަން ކުރުން ހުއްޓުވުމަށެވެ.

އެހެންނަމަވެސް މިހާރު އަޅުގަނޑުމެނަށް އަބަދުމެ ފެންނަނީ ސަރުކާރުން އެހިނދުން އެހިނދަށް ބޭނުންވާ ކަމެއް ކޮށްލާ މަންޒަރެވެ. އެކަމުގައި ޤާނޫނީގޮތުން އޮންނަގޮތް ބަލަނީ ފަހުންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޤާނޫނާއި އެއްގޮތަށް ވެރިކަން ކުރެއްވުމުގެ ބަދަލުގައި ކަންކަން ކުރާ ގޮތަށް ޤާނޫނު ފުރޮޅާލަނީއެވެ.

3 ޚިޔާލު

  1. މިސަރުކާރަކީ ގާނޫނާއި ގަވާއިދު އޮތްތާ ބާއްވައިގެން ކަންކަން ނިންމާ ސަރުކާރެއް އަންނި ރައީސް ކުރާނަމޭ ބުނާ ކަމެއް ނުކުރާނެ ނުކުރާނެމޭ ބުނާ ހުރިހާކަމެއް ކުރާނެ މިހާތަނަށް ކަންކަން ވެފައި އޮތީ އެގޮތަށް އަންނި ވަރަށް ގިނައިން ބުނާނެ ތިމަންނާމެން ވެރިކަން ކުރާނީ ގާނޫނުގެ ހަމަތަކުގެ މަތިންނެވެ. އެހެން ބުނާތީ ކަންނޭގެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަކަށް ނުދޭ.

  2. ޑރ. ހަސަން ސައީދު ގެ ސައިޓުގައި އަދި އަމިއްލަ ފުޅަށް މިފަދަ ވާހަކަ އެއް ދެއްކުމަކީ އަޅުގަޑު ވަރަށް އުފާކުރާ އަދި ހިތާމަ ކުރާ ކަމެކެވެ. އެއް ސަބަބަށް ވުރެ ގިނަ ސަބަބުތައް ހުރުމާއި އެކު ގައެވެ. މިސަރުކާރު ވުޖޫދައް ގެންނަން ވެގެން އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅަކީ ހަމަގައިމު ހަސަންސައީދު އެވެ. އެއީ ވެސް އެއްވެސް ޝަރުޠެއް ނެތިއެވެ. ހަމަގައިމު ހަސަން ސައީދު މިސަރުކާރު ވުޖޫދަށް ގެނައުމާއި ދެކޮޅު ހެދި ނަމަ މިއަދު ދިވެހިން މިއުފުލާ ނުވަތަ ތަހައްމަލުކުރާ އުދަނގޫ ތަކާއި ހިތްދަތިކަން ބަރުދާސްތުކުރާކަށް ނުޖެހުނީހެވެ. ވީމާ ހަގީގަތުގައި މި ސަރުކާރު ވައްޓާލަން މަސައްކަތްކުރުމާއި އެކަން ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރުމަކީ ހަސަންސައީދު ޑރ. ޖަމީލު އަދި އެރޫހުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ ޤައުމީ ޒިންމާއެކެވެ.
    އަޅުގަޑު އުފާވަނީ މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެކަންތައް އޮންނަގޮތް އާންމުނަށް ފިލާނެހެން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވިކަމެވެ. އަދި އަޅުގަޑު އުއްމީދުކުރަނީ މިފަދަ ކޮންމެ މައްސަލައެއްގައި ގާނޫނީ ގޮތުން އޮންނަ ގޮތް އަބަދުވެސް ބަޔާންކޮށްދެއްވާނެ ކަމަށެވެ.

  3. ޑރ. ޙަސަން
    މަނިކުފާނަކީ އެގޭގެ ވެރިފަރާތުން މިމަސްއަލާގައި ދަޢުވާ ކޮށްފިނަމަ އޭނާގެ ޙައްޤުގައި ވަކާލާތުކޮށްދިނުމަށް އެންމެ ޤާބިލް ފަރާތް .އަދި ވަކާލާތު ކޮށްދިނުން ވެސް އަތޮޅަށްޓަކައި ހިލޭ ހަމަޖައްސަވައިދެއްވުން ވަރަށްރަގަޅު.

މިލިޔުމަށް ޚިޔާލުފާޅު ކުރެއްވުމަށް..