ދިވެހިންނަށް ހައްތާވެސް ނިކަމެތިގޮތްތައް
ޖީ.އެމް.އާރުން މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރާއި ޙަވާލުވިއިރު ޖީއެމްއާރުންނާއި ޚޮދު ދިވެހި ސަރުކާރުން ދައްކަމުންގެންދިޔަ ވާހަކައިން ހީވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ އެއާރޕޯޓެއް ދިވެހިންނަށް ލިބިގެންދާނެކަމަށެވެ. އަދި ސިންގަޕޯރު އެއާރޕޯޓުން ލިބޭފަދަ ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށެވެ. އޭގެ އިތުރުން ޖީއެމްއާރުން ބުނަމުންދިޔައީ އެކުންފުނިން އެއާރޕޯޓު ހިންގާނީ މުޅިންވެސް ދިވެހިން ބޭނުންކޮށްގެން ކަމަށާއި ޖީ.އެމް.އާރުގެ އިސްވެރިންގެ ޢަދަދު ފަސްވަރަކަށް މީހުންނަށް ވުރެން އިތުރު ނުވާނޭކަމަށް ބުނިބުނުމުގެ މަތިން މިހާރު މުޅިންހެން ހަނދާން ނެތިއްޖެއެވެ. މިއަދު އެއްކަލަ ފަސް މީހުންގެ ޢަދަދު 35 މީހުންނަށް ވެއްޖެއެވެ. އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ދިވެއްސަކަށް 8000 ވަރަކަށް ރުފިޔާ ދިނުމަށް ވުރެން މިއަދު 100 ވަރަކަށް ޑޮލަރު ދީގެން ގެންނަ ބިދޭސި މީހާ މާރަނގަޅެވެ.
އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ޑިއުޓީފްރީ ތަންތަން ހުސްކޮށް ޖީ.އެމް.އާރާއި ޙަވާލުކުރުމަށް ވަނީ އަންގާފައެވެ. އެފަރާތްތަކާއެކު ވެފައިވާ ކޮންޓްރެކްޓުގެ ދަށުން ޑިއުޓީފްރީ ޝޮޕްތައް އަލުން ބިޑްކުރާނަމަ 6 މަސްދުވަސް ކުރިން ނޯޓިސް ދޭންޖެހެވެ. ސަބަބަކީ ގެނެސްފައި ހުންނަ އަގުބޮޑު ސްޓޯކްތައް ހުސްކުރުމަށް ފުރުޞަތު ދިނުމެވެ. އެހެންނަމަވެސް 6 މަސްދުވަހުގެ ނޯޓިސް ދޭން ޖީ.އެމް.އާރަށް ނުފެންނާތީ އެކަން ނުކުރީއެވެ. މިތަންތަން ދިވެހިންގެ އަތުން ނެގުމަށް ފަހު އިންޓަރނޭޝަލް ބިޑިންއަށް ދިއުމުގެ ނަމުގައި ދުބާއީގަޔާއި އިންޑިޔާގައި ހުންނަ ޖީ.އެމް.އާރާއި ގުޅުންހުންނަ ކުންފުންނިތަކަށް މިހުރިހާ ތަންތަން އެވޯޑުކުރުން އެކަށީގެންވެއެވެ.
ފަހަރުގައި މިހުރިހާ ތަންތަން ސީދާ ޖީ.އެމް.އާރުންވެސް ހިންގުން އެކަށީގެންވެއެވެ. ރާއްޖޭގައި މިބާވަތުގެ ވިޔަފާރި އެކުންފުނިން ކުރުމަށް ބޭނުންވާ މަގުތައްދަނީ ސާފުކުރަމުންނެވެ. މިހާރުހުރި ޑިއުޓީ ފިހާރަތަކަށް ބޭރުން ތަކެތި ގެންނަ ތަންތަންވެސް ޖީ.އެމް.އާރުން ދަނީ ބާލާހޯދަމުންނެވެ. މިކަމުގައި ސަރުކާރުންވެސް ދަނީ އެހީތެރިވަމުންނެވެ. ސަރުކާރުން ކޮށްދެވޭނެ އެންމެ ބޮޑުއެހީއަކަށްވާނީ ފޮރިން އިންވެސްޓް ޤާނޫނު އުވާލުމެވެ. އެއިރުން ރާއްޖޭގައި ކޮންމެބާވަތެއްގެ ވިޔަފާރިއެއް ޖީ.އެމް.އާރާއި އެނޫންވެސް ބޭރުގެ ފަރާތަކަށް ކުރެވޭނެއެވެ. ޑިއުޓީފްރީ ފިހާރަތަކުގެ އިތުރުން ކަންމަތީ ފިހާރަތަކާއި ޓްރެވެލް އެޖެންސީތަކާއި އޮޑިދޯނިފަހަރުވެސް އެއިރުން ބޭރުގެ މީހުންނަށް ހިންގޭނެއެވެ.
ޖީ.އެމް.އާރުން ދިން ނޯޓިސްގެ ސަބަބުން ހުސްކުރަންޖެހޭ އެއް ޑިއުޓީފްރީ ޝޮޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި އުފެއްދުންތައް ގެނެސްގެން ވިއްކާ ފިހާރައެކެވެ. ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އުފެއްދުންތެރިކަމަށް އަނެއްކާވެސް އިތުރަށް ހީނަރުކަން ލިބިގެންދިއުމެވެ. ދިވެހިން ނިކަމެތިވެދަނީއެވެ. އެމީހުންގެ އުފެއްދުންތައް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުންވެރިންނަށް ފޯރުކޮށްދިނުމުގައި އަނެއްކާވެސް އިތުރު ގޮންޖެހުމެއް ކުރިމަތިވީއެވެ.
މިހުރިހާ ކަމަކަށް ޙައްލު ހޯދައިދިނުމަށްއެދި ދަންނަވަން އޮތީ ސަރުކާރުގައެވެ. އެހެންނަމަވެސް ސަރުކާރަކަށް އެކަން ކޮށެއް ނުދެވޭނެއެވެ. ސަބަބަކީ ޤާނޫނާއި ޚިލާފަށް ވަލުދޮރޯށިން ޖީ.އެމް.އާރު.ވެއްދީ ސަރުކާރުކަމަށްވާތީއެވެ. ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރު ނިސްބަތްވާ ކުންފުންޏަށް ދާދި އިހަކަށްދުވަހަކުވެސް 20 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ޖީ.އެމް.އާރުން ދީފައިވާތީއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާރޕޯޓަކީ ސިންގަޕޫރުގެ ޗަންގީ އެއާރޕޯޓެވެ. އެއާރޕޯޓު ހިންގާފަރާތަކުން އެތާނގެ ޑިއުޓީފްރީ ޝޮޕްތަކެއް ނުހިންގައެވެ. އެ އާރޕޯޓު ހިންގާފަރާތުގެ މުޅިއަމާޒަކީވެސް ހަލުވިމިނެއްގައި ރަނގަޅު ޚިދްމަތްތަކެއް ފޯރުކޮށް ދިނުމެވެ. ހުރިހާ އެއްޗެއް ބޮޑިކުރުމެއް ނޫނެވެ.
އަހަރަކު 60 މިލިޔަން ޑޮލަރަށް ވުރެން ބޮޑު ފައިދާވާ ކުންފުންޏަކާ ޙަވާލުވެ ޖީ.އެމް.އާރުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ނަގަމުން އަންނަ ފީތަކާއި ޗާޖްތައް އިންތިހާއަށް ބޮޑުކޮށްގެން އިތުރަށް ފައިސާ ހޯދޭނޭ ގޮތްތަކެއް އޮތްތޯ ބެލުމެވެ.
ނިމިގެންދާއިރު މާލޭގެ ބައިނަލްއަޤްވާމީ އެއާރޕޯޓު ވެގެންދާނީ ދިވެހިންނާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވާގިވެރިވެވޭ ވަޞީލަތަކަށް ވުރެން ބޮޑަށް ޖީ.އެމް.އާރުގެ ޖީބު ބަރުކުރާ ވަޞީލަތެކެވެ.











ވެރިކަމުގައި ރިޔާސީ ނިޒާމް ރައްޔިތުން އިޚްތިޔާރު ކުރީ ވެރިކަމުގެ ބާރާއި ނުފޫޒު މުސްތަގިއްލު ކުރުމަށް، ނަމަވެސް މިސަރުކާރުގައި އަދުލާއި އިންސާފު ވަނީ ގެއްލިފައި. ރައްޔިތުންގެ ހައްގު ހޯދުމަށް ދާނެ ވަކި ތަނެއްނެތި ރައްޔިތުންވަނީ މާޔޫސްވެފައި.
ރައްޔިތުންގެ މައްޗަށް ފާވެފައިވާ މުސީބާތެއްފަދަ ވެރިކަމެއް ނިންމުމަށް ރައްޔިތުންނަށް ލާޒިމުކުރާ ދެހާލަތެއްވާނެ. އެއީ ވެރިކަމަށް އައުމަށް ކުރި ރިޔާސީ ވައުދު ތަކަށް ހަރާމް ކޯރުވުމާއި، އިސްލާމްދީނުގައި ހާރާމް، ގާނޫނުގައި މަނާ ކުރެވިފައިވާ ކަންތަކަށް ވައްލިއްޔުލް އަމުރު އަރައިގަތުން. ރާއްޖެވަނީމިދެހާލަތަށް ވެއްޓިފައި. އަދުލުވެރި އިންސާފުވެރި ވެރިކަމެއް ގާއުކުރުމަށާއި ރއްޔިތުންގެ އަގުބޮޑު މުދާ އަބުރާ ހޯދުމަށް ސީދާ ހަރަކާތަށް ނިކުތުން އިސްލާމްދީން މިހާލަތުގައި ވާޖިބު އެބަކުރޭ، ވީމާ،ސީދާ ހަރަކާތަށް ނިކުތުމަށް ގޮވާލަން.