ދިވެހި ވިޔަފާރިވެރިންނަށް ލިބެން ހުރި ފުރުޞަތު ތަކުން މަޙްރޫމު ކުރުވުން
ވަރަށް ހަލުވިކޮށް މާލޭގައި ކުރިއަށްދާ އެއް މަޝްރޫޢަކީ އިންޑިޔާގެ ޓާޓާ ކުންފުނިން އަޅާ 350 ފްލެޓްގެ މަޝްރޫޢެވެ. މިފްލެޓްތައް އެޅުމަށް ޓާޓާކުންފުންޏަށް ބިންދީފައިވަނީ ހިލޭއެވެ. ރާއްޖެއެތެރެކުރާ އެއްޗެއްސައް އިމްޕޯޓު ޑިއުޓީ ދައްކާކަށެއް ނުޖެހެއެވެ. ބޭރުގެ މަސައްކަތްތެރިންނަށް ދައްކަންޖެހޭ ފީތައް ވަނީ މާފްކޮށްފައެވެ. ތިލަފުށިންނާއި މާލެއިން މަސައްކަތަށް ބޭނުންވާވަރަށް ތަކެތި ގުދަންކުރުމަށާއި ބެހެއްޓުމަށް އިތުރު ބިންތައް ދިނެވެ.
ޢިމާރާތްކޮށް ނިމުމާއެކު 80 ޕަސެންޓު ފްލެޓް ދެފަރާތް އެއްބަސްވެފައިވާ އަގުގައި ސަރުކާރުން ގަންނާނެކަމުގެ ގެރަންޓީވަނީ ދީފައެވެ. ބާކީ ފްލެޓުތައް ޓާޓާ ކުންފުނިން ބޭނުން އަގެއްގައި ވިއްކުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވެއެވެ. މުޅި މަޝްރޫޢަށް ފައިނޭންސް ކުރަނީ ދިވެހި ސަރުކާރުގެ “ގަރަންޓީ” އަށް ބަރޯސާކޮށްގެން ރާއްޖޭގައި ޤާއިމުކުރެވިފައިވާ ބޭންކަކުންނެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާމަތިން ޓާޓާ ކުންފުންޏަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަން ބޮޑެތި ބިންތަކާއި ރަށްތައް ވަނީ ކަނޑައެޅިފައެވެ.
މިހުރިހާ ޢިނާޔަތްތަކާއެކު ޢާންމުންނަށް އަމާޒުކޮށްގެން ވިއްކާ ކުޑަކުޑަ 3 ކޮޓަރީގެ ފްލެޓެއްގެ އަގެއްކަމަށްވަނީ 1.2 މިލިޔަން ދިވެހި ރުފިޔާއެވެ. މި އަގު އިޢުލާންކުރީ ޑޮލަރުގެ އަގަށް ސަރުކާރުން ބަދަލު ގެނައުމުގެ ކުރީގައެވެ. މިއީ ބިދޭސި ކުންފުންޏަކަށް ދިވެހި ސަރުކާރުން ދިން ރަނުގެ ފުރުޞަތެކެވެ. މިއީ ދިވެހި ކުންފުނިތަކަށް ނުހިންގޭ ފަދަ ބޮޑު މަޝްރޫޢެއް ނޫނެވެ. މިސާލެއް ދަންނަވާލާނަމެވެ.
މި އޮކްޓޫބަރު މަހުގެ 15 ހިސާބުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރެވޭ ލަގްޒަރީ އެޕާޓްމަންޓު ގަންނަފަރާތްތަކާއި ޙަވާލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެތަންތަން ތަރައްޤީކުރެވިފައިވަނީ ހުޅުމާލޭގައެވެ. ތަރައްޤީކުރީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުންނެވެ. 31 މިލިޔަން ރުފިޔާއަށް ބިން ގަނެގެންނެވެ. ސަރުކާރަށް ދައްކަންޖެހޭ %15 ޓެކްސް ވެސް ދެއްކިއެވެ. ޢިމާރާތްކުރުމަށް ބޭނުންކުރި ތަކެއްޗަކީ ޑިއުޓީ ދައްކާއިގެން ރާއްޖެއަށް އެތެރެކުރި ތަކެއްޗެވެ. މަސައްކަތުގައި ބިދޭސިއަކު ބޭނުންކުރިނަމަ ވޯކްޕަރމިޓާއި ވިޒާފީ ފަދަ ހުރިހާ ފީއެއްވެސް ވާނީ ދައްކާފައެވެ. ސަރުކާރުން ދިން އެއްވެސް ޢިނާޔަތެއް ނުވަތަ ދިން ގެރެންޓީއެއް ނެތެވެ. ތަނުގައި ސިކިއުރިޓީ ނިޒާމާއި، ސްވިމިންގ ޕޫލާއި، ޖިމްނޭޒިއަމާއި، ކާރޕާކް ވެސް ވަނީ ޤާއިމުކުރެވިފައެވެ. ހުރިހާ ކޮޓަރިއެއްގައިވެސް އެއަރކޮންޑިޝަނާއި، ހޫނު ފެނާއި އަލަމާރިވަނީ ހަރުކުރެވިފައެވެ. ޒަމާނީ ބަދިގެއެއްވެސް ވަނީ ޤާއިމުކުރެވިފައެވެ. މިހާބޮޑު ހޭދައާއެކު ތަރައްޤީކޮށް އަދި މިހުރިހާ ވަޞީލަތްތަކާއެކު 1760 އަކަފޫޓުގެ 4 ކޮޓަރީގެ އެޕާޓްމެންޓެއް (މޫދުކުރިމަތީގައި ) ވިއްކާ އަގަކީ 3 މިލިޔަން ދިވެހި ރުފިޔާއެވެ.
އެހެންވެއްޖެ ނަމަ ޓާޓާ ކުންފުނިޏަށް ދިން ފުރުޞަތާއި ޢިނާޔަތްތަކާއި ގެރެންޓީ މި ދިވެހި ކުންފުންޏަށް ނުވަތަ މިފަދަ އެހެން ދިވެހި ކުންފުންޏަކަށް ނުދޭންވި އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ. އަމުދުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އިނދަޖެހުމުންދާ މި ދަނޑިވަޅުގައި ދިވެހި ކުންފުންޏަކަށް ނުވަތަ ދިވެހި ގިނަ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމަކަށް މި ފަދަ މަޝްރޫޢެއް ދިނުމުން ޤައުމަށާއި ރައްޔިތުންނަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
ދުނިޔޭގެ ސަރުކާރުތަކުން ކެނޑިނޭޅި އެ ޤައުމުތަކުގެ ކުންފުނިތަކަށާއި ފަރުދުންނަށް ފުރުޞަތު ތަނަވަސްކޮށް ދެމުންދާއިރު އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެންގެ ދިވެހިންނާއި ދިވެހިކުންފުނިތައް އެކަހެރިކޮށް ބަނގުރޫޓުކުރުވާ ސަބަބު އަޅުގަނޑަށް ނުވިސްނެއެވެ. އަދި އެއީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް އަޅުގަނޑަށް ޤަބޫލުވެސް ނުކުރެވެއެވެ.











މިސަރުކާރުން ކަންކަން ކުރަނީކީ ކޮންމެހެން ގައުމަށް އެކަމުން ވަނީ ކޮންފައިދާއެއްތޯ ބަލާފައެއްނޫންކަން އެގޭ މިލިޔުން އެކަނިވެސް މިކަހަލަ ކިތައްމެ ކަމެއް މިސަރުކާރުން ކޮށްފައި ހުންނާނެ ހިތާމައަކީ މިފަދަ ޖަރީމާތައް ހިންގާއިރުވެސް މިއުޅޭ ބައިގަޑު ނަޝީދު ފަހަތުގައި މުގޯލިއަޅާތީ އަދި ޚާއްޞަކޮށް ގާސިމްމެން ސަންޓްރެވަލް ސިޔާމުން ފަދަ މުއްސަދިންވެސް ސަރުކާރާ އެއްކޮޅަށް ވޯޓްދެއްވާތީ