އެންމެފަހުން އަޕްޑޭޓްކުރީ: ސެޕްޓެންބަރ 29, 2011
messageme

ޤާނޫނީ އިމުން ބޭރުން ރައްޔިތުންގެ އަތުން ޓެކްސް ނެގުން

މިދިޔަ މަހުގެ ފަހުކޮޅު އަޅުގަނޑުގެ ތިމާގެ މީހަކު އިންޑިޔާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަކަށް ދަތުރެއް ކުރިއެވެ. ދަތުރުކުރީ އައިލެންޑް އެވިއޭޝަނުންނެވެ. ދެކޮޅު ޓިކެޓުގެ އަގަކީ ޖުމްލަ 1757.88 ދިވެހި ރުފިޔާއެވެ. ޓެކްސް އާއި ޗާޖްގެ ގޮތުގައި 2،213.70 ލާރި ނެގިއެވެ.މީގެ ތެރެއިން އިންޑިޔާގެ އެއާރޕޯޓުގެ ޓެކްސްގެ ގޮތުގައި ހިމެނެނީ އެންމެ 92.52 ދިވެހި ރުފިޔާއެވެ. މި ޓިކެޓު ނެގީ ބިދޭސިއަކު ނަމަ 92.52 ދިވެހި ރުފިޔާގެ ޓެކްހެއް ދައްކަންޖެހޭނެއެވެ. އަދި ސަރުކާރާއި ޖީ.އެމް.އާރު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު 416.34 ރުފިޔާގެ އަންނަ ޖެނުއަރީން ނަގަން ފަށާނެވާހަކަ ވަނީ އިޢުލާންކޮށްފައެވެ.

އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ފުރަތަމަ ނުކުތާއަކީ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ އަތުން އެއްވެސް ބާވަތެއްގެ ޓެކްހެއް ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ. ދޭ ޚިދްމަތަކާއި ގުޅިގެން ފީއެއް ނަގާނަމަ އެފަދަ ފީއެއްވެސް ނަގަންޖެހޭނީވެސް ޤާނޫނާއި ގަވާޢިދުން ޖާގަލިބިގެންކަމަށް އަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބުނެއެވެ.

އެހެންނަމަވެސް “ސިކިއުރިޓީ ޓެކްސް” ގެ ނަމުގައި 1225.66 ރުފިޔާއާއި، ޔޫޒާ ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 199.84 ރުފިޔާއާއި، އިންޝޯރެންސްގެ ގޮތުގައި 40.10 ރުފިޔާއާއި، އަދި ސަރުކާރާއި ޖީ.އެމް.އާރު އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގަންފަށާ 416.34 ރުފިޔާއަކީ ޤާނޫނީއިމުން ބޭރުން ޤާނޫނުއަސާސީ އާއި ޚިލާފަށް ނަގާފައިސާއެވެ.

ޤާނޫނުއަސާސީ އާއި ޚިލާފަށް ރައްޔިތުންނަށް މިހާބޮޑެތި ބުރަ ސަރުކާރުން އުފަލަން މަޖްބޫރުކުރުވާއިރު ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ޤާނޫނުއަސާސީ ދެމެހެއްޓުމަށާއި ރައްޔިތުގެ ޙައްޤު ޙިމާޔަތް ކުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވާއިގެން ތިއްބެވި 77 މެންބަރުން ކޮބާއިތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ.

ދެވަނައަށް އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ނުކުތާއަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ %75 ޙިއްޞާކުރަނީ ފަތުރުވެރިކަމަށް ވާއިރު މިހާބޮޑެތި ޢަދަދުގެ ފައިސާ ރާއްޖެއިން ފުރާ ފަރާތްތަކުން ނަގައިގެން ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ވާދަކުރަންޖެހޭ ޤައުމުތަކާއި ވާދަނުކުރެވޭނެކަމެވެ. މިހާރުވެސް އެއާރލައިން ތަކުންނާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ އެއާރޕޯޓުގެ ތެލާއި، ގްރައުންޑް ހެންޑްލިންގެ އަގުބޮޑުވާހަކައެވެ.

މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިނާރެވެ. އެހެންކަމުން އެ އާރޕޯޓުން ވާންޖެހޭނީ ސިއްސާއިގެންދާހާ ބޮޑެތި ފައިސާ ނަގާތަނަކަށް ވުރެން ހަށިގަނޑަށާއި ޖީބަށް ވީހާވެސް ލުއިގޮތަކަށް ރާއްޖޭގެ އެކިއެކި ރިސޯޓުތަކާއި ސިޓީހޮޓަލާއި ގެސްޓުހައުސް ފަދަ ތަންތަނަށް ވާޞިލުވެވޭ ތަނަކަށެވެ.

ތިންވަނައަށް އަޅުގަނޑު ފާހަކޮށްލަންބޭނުންވާ ނުކުތާއަކީ ދިވެހިންގެ ވަރަށް ގިނަބަޔަކު ނިކަމެތި ޙާލުގައި ސަލާންޖަހާއިންގެ އަވަށްޓެރި ޤައުމުތަކަށް ބޭސްފަރުވާއަށްދާއިރު ޓިކެޓުގެ އަގަށްވުރެން ބޮޑު ޢަދަދެއްގެ ފައިސާ އެކިއެކި ނަންނަމުގައި ނެގުމަކީ އިންޞާފުކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

1 ޚިޔާލު

  1. ރައްޔިތުން މަޖްލިސްގެ މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުން ހަމައެކަނި ވިސްނަވަނީ އެބޭފުޅެއްގެ އަމިއްލަ ފައިދާއަށް. އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އިންތިޚާބު ދުވަސްވަރު ދިއްކޮށްލެވޭ ”އެތިކޮޅުން” އަގު އަދާކުރެވުނީ. ރައްޔިތުންގެވެސް އެހާ ހޭލުންތެރިކަމެއްނެތް. މެންބަރުންވެސް ހޭލުންތެރިވެފާ ޤައުމުވަންތައެއް ނޫން. އެހެންކަމުން ރައްޔިތުން، ޙައްޤުތަކާމެދު ހޭލުންތެރިކުރުވާ، އެމީހުން ބާރުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރަންޖެހޭ.

މިލިޔުމަށް ޚިޔާލުފާޅު ކުރެއްވުމަށް..