އެންމެފަހުން އަޕްޑޭޓްކުރީ: ސެޕްޓެންބަރ 29, 2011
messageme

ތަޢާރަފް

އަޅުގަނޑުގެ އުފަން އަތޮޅަކީ އައްޑުއަތޮޅެވެ. ރަށަކީ ސ.ފޭދޫއެވެ. ޢުމުރުން ގާތްގަނޑަކަށް 7 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. އަޅުގަނޑުގެ ބޭބެ ޕްރޮފެސަރ ޢަބުދު ﷲ ސަޢީދު މަދީނާ ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވަމުން ލިބުނު ޕޮކެޓްމަނީއިން އަޅުގަނޑާއި އަޅުގަނޑުގެ ދެ ބޭބެއިން ކަމުގައިވާ ޙުސައިން ސަޢީދާއި އިބްރާހީމް ސަޢީދު ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއަށް ގެންދިޔައެވެ. އެއިރު އަޅުގަނޑުގެ ޢުމުރުންވީ އެންމެ 10 ދިހައަރެވެ. ހަ އަހަރު ވަންދެން ދީނީ ތަޢުލީމު ޙާޞިލުކުރުމަށް ފަހު ތަޢުލީމާއިގެން އަޅުގަނޑު ކުރިއަށް ދިޔައީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ގައެވެ. ޤާނޫނީ ދާއިރާއިން “ބެޗެލަރ އޮފް ލޯސް” އާއި ކޮމްޕެރެޓިވް ލޯސްއިން މާސްޓަރސް ފުރިހަމަ ކުރީމެވެ. ޕީ.އެޗް.ޑީ ޙާޞިލުކުރީ 2003 ވަނައަހަރު އޮސްޓރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑްއިންނެވެ. ޚިޔާރުކުރި ދާއިރާއަކީ ފްރީޑަމް އޮފް ސްޕީޗް ނުވަތަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ.

 1999 ވަނަ އަހަރު ކުއިންސްލެންޑް ޔުނިވަރސިޓީގައި “އިންޓްރޮޑަކްޝަން ޓު އިސްލާމިކް ލޯ” ގެ ނަމުގައި ކޯހެއް ތަޢާރަފުކޮށްދިނުމުގައި އިސްދައުރެއް އަދާކުރީމެވެ. އަދި އިސްލާމިކް ލޯ އާއި ކޯޕަރޭޝަން ލޯ ކިޔަވާދިނުމުގެ އިތުރުން އެ ޔުނިވަރސިޓީގައި އާއި ޔުނިވަރސިޓީގެ އޮފް މެލްބާރން ގައި ޤާނޫނީ އަދި ޝަރުޢީ ދާއިރާއިން ރިސަރޗް ގެ މަސައްކަތް ކުރީމެވެ. މީގެ ތެރޭގައި މެލޭޝިޔާގެ އޮފްޝޯ ބޭންކިންގ ޤާނޫނަށް ޝަރަޙަ ލިޔުމުގައި އާއި އަދި ކީތް ފްލެޗާރ ގެ “ލޯ އޮފް ޕާޓްނަރޝިޕް އިން އޮސްޓްރޭލިޔާ އެންޑް ނިއުޒިލެންޑް” ރިވައިޒުކޮށް އަޕްޑޭޓް ކުރުމުގައި ކުރި ރިސަރޗުގެ މަސައްކަތާއި  ޔުނިވަރސިޓީ އޮފް މެލްބަރންގެ ޑިޕާޓްމަންޓް އޮފް އަރަބިކް އެންޑް އިސްލާމިކް ސްޓަޑީސް އަށް “މެތަޑޮލޮޖީ އޮފް އިސްލާމިކް ލޯ” (ޕޯސްޓްގްރެޖުއެޓް ފެންވަރު) ގެ ކޯހެއްގެ އައުޓްލައިން އެކުލަވާލުން ހިމެނެއެވެ.

 އަޅުގަނޑު އެންމެ ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރަން ފެށީ 1997 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސްޓޭޓް އެޓާރނީއެއްގެ މަޤާމުގައެވެ. 2003 ވަނަ އަހަރު ޕީ އެޗް ޑީ ޙާޞިލުކުރުމަށް ފަހު ރާއްޖެ އެނބުރި އައިސް ޖިނާއީ ކޯޓާއި ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމް އަދާކުރީމެވެ. އަދި 11 ނޮވެމްބަރ 2003 އިން ފެށިގެން އޯގަސްޓު 2007 އަށް ދިވެހި ރާއްޖޭގެ ބަންޑާރާ ނައިބުކަން އަދާކުރީމެވެ.

 ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމާއި، ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ޗެއަރ ޕަރސަންކަމުގެ މަޤާމާއި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ މެންބަރުކަމާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަމާއި، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ބޯޑު އޮފް ގަވަރނާސް ގެ މެންބަރު ކަމާއި، އެ ޔުނިވަރސިޓީއިން ތަޢުލީމު ޙާޞިލުކުރި ދިވެހި ދަރިވަރުން ތަމްސީލުކުރާ އެލުމްނާއި ގެ ރައީސުކަމާއި، ދުނިޔޭގެ ޕްރޮސިކިއުޓަރ ޖަނަރަލުން ގެ ޖަމްޢިއްޔާގެ މެންބަރުކަމާއި،  އޯޕަން ސޮސައިޓީ އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރު ކަން ހިމެނެއެވެ.

 ސިޔާސީ ގޮތުން ޙަރަކާތްތެރިވި ދާއިރާތަކުގެ ތެރޭގައި ދިވެހިރަޢްޔިތުންގެ ޕާޓީގެ ފައުންޑިންގ މެންބަރެއްގެ ދައުރާއި، އެ ޕާޓީގެ އެންމެ ފުރަތަމަ އިންތިޚާބުވި އެއް ނާއިބު ޒަޢީމުގެ މަޤާމާއި، ދިވެހި ޤައުމީ ޕާޓީގެ ފައުންޑިންގ މެންބަރެއްގެ ދައުރާއި އަދި އެ ޕާޓީގެ ރައީސު ކަމުގެ މަޤާމު ހިމެނެއެވެ.

2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ބައިވެރިވެ ތިންވަނަ އަށް އެންމެ ގިނަ ވޯޓު ޙާޞިލުކުރީމެވެ.

 އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައޮންނަ ވަކީލެކެވެ. އަދި ރާއްޖެ ޗެމްބާރސްގެ އެއް ޕާޓްނަރުގެ ހައިސިއްޔަތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި އާއި ކޮންސްޓިޓިއުޝަނަލް ލޯ ކިޔަވާދިނުމުގައި ޙަރަކާތްތެރި ވަމެވެ.